މިއީ ދެހާސް ދިހަވަނަ އަހަރު ފެށުނު ލޯބީގެ ވަރަށް އުފާވެރި ދަތުރެކެވެ. ފޮނި ހަނދާންތަކާއި، ފުން އިހުސާސްތަކާއި، އަދި އުންމީދުތަކުން ފުރިފައިވާ ލޯބީގެ އަސަރުގަދަ ވާހަކައެކެވެ. މި ދަތުރުގެ ތެރެއިން ބައެއް ޞަފްޙާތައް ވަނީ ވަގުތާއިއެކު ފޭދިފައެވެ. އަނެއްބައި ހަނދާންތައް ވަނީ އަލުން އާލާވުމުގެ އިންތިޒާރުގައި ހިތުގެ އެންމެ ފުންމިނުގައި ރައްކާކުރެވިފައެވެ. މި ލިޔުމުން، މި ހާމަވަނީ، އަހަރެންގެ ހިތުގައި އެތައް އަހަރެއް ވަންދެން ފޮރުވައިގެން ގެންގުޅުނު އަސަރުގަދަ، ވާހަކަތަކެވެ.
އެއީ ވަރަށް ހިތްގައިމު ހަވީރެކެވެ. ކަނޑުގެ އޮމާން ސަތަހައަށް އިރުގެ ރަންދަޅަ އެޅިފައިވީއިރު، ޖެހެމުންދިޔަ ރޯޅިތަކުން އުންމީދީ އުފާވެރި އިހުސާސްތަކެއް ކުރުވަމުންދިއައެވެ. ދެހާސް ދިހަވަނަ އަހަރުގެ ކުރީކޮޅުގެ ދުވަހެއްގައި، އަހަރެން ތިލަފުއްޓަށް ދިޔައީ ޓީވީ ސްޓޭޝަނެއްގައި މަސައްކަތް ފެށުމަށެވެ. އެއީ އާ ފެށުމެކެވެ.
އަދި އެތަނުން އޭނާ އަހަރެންނަށް ފެނުނެވެ.
އެއީ ހަމައެކަނި ފެންނަ ފެނުމެއް ނޫނެވެ. އޭނާގެ ކޮންމެ ހަރަކާތަކީ ހިތްގައިމު ޅެމެއް ފަދަ އޮމާން ކަމެކެވެ. ވަށައިގެންވާ ހަލަބޮލިކަމުގެ ތެރޭގައިވެސް، އޭނާ ފެންނަނީ އަމިއްލަ ހިމޭން ދުނިޔެއެއްގެ ރާނީއެއް ފަދައިންނެވެ. އޭނާއަކީ ޚަބަރު ކިޔައިދޭ ކަނބަލެކެވެ. ނަމަވެސް، އަހަރެންގެ ނަޒަރުގައި އޭނާއަށް ވަނީ ހިމޭންކަން ފޮނި ރާގަކަށް ބަދަލުކޮށްލާ ފަދަ އަޖައިބުކުރުވަނިވި ސިފަތަކެއް ލިބިފައެވެ. އެއީ ހަމައެކަނި ލޮލަށް ފެންނަ ރީތިކަމެއް ނޫނެވެ، އެއީ ހިތުގެ އެންމެ ފުންމިނަށް އަސަރުކުރުވާ ފަދަ ލާމަސީލް ރީތިކަމެކެކެވެ.
އޭނާގެ ކިބައިގައިވި އާދަޔާޚިލާފު ސިފަތަކެއްގެ ސަބަބުން، އަހަރެންގެ ވަށައިގެންވި މުޅި ދުނިޔެ ފަނޑުވެ، ހަމަހިމޭންވެގެން ދިޔައެވެ. އޭނާގެ މަޑުމައިތިރި ބަސްމަގާއި، އޭނާގެ އެ ހިތްގައިމު ހަރަކާތްތަކުގައި ހިތް ދަމައިގަންނަ ފަދަ ތަފާތު ދަމާބާރެއް އެކުލެވިގެންވެއެވެ. އޭނާގެ އެ ކިއުޓް ސްވީޓް ހިނިތުންވުން ފެނި، އަހަރެންގެ ހިތް އޭނާ އަށް ލެނބިގެންދިޔައެވެ.
ޓީވީ ސްޓޭޝަން ހުންނަނީ ތިލަފުށީގައެވެ. މަސައްކަތަށް ދިއުމަށްޓަކައި ލޯންޗުގައި ދަތުރުކުރަން ޖެހެއެވެ. ބައެއް ފަހަރު އަހަރެމެންނަށް ތިބެވެނީ، އެކަކު އަނެކަކާއި ކުރިމަތިލައިގެންނެވެ. އަނެއްބައި ފަހަރު ތިބެވެނީ، ގާތްތާތުގައެވެ. އޭނާގެ ކައިރީގައި ހޭދަކުރެވުނު އެ އުފާވެރި ވަގުތުތަކުގެ މަތިން ހަނދާންވުމުން، މިއަދުވެސް އަހަރެންގެ ހިތް އުފަލުން ފުރިގެން ބަންޑުންވެއެވެ. އެ ފޮނި ހަނދާންތައް އާވާ ކޮންމެ ހިނދަކު، އުފާވެރިކަމުގެ ކަރުނުން އަހަރެންގެ ދެލޯ ތެންމާލައެވެ.
ވަގުތު ބަލާފައި ސިއްރު ސިއްރުން އޭނާއަށް ބަލައިލެވުނު ހަނދާންތައް އަދިވެސް އާވެއެވެ. އަހަރެންގެ ހިތް އުފަލުން ފުރެމުންދިޔަ މިންވަރު އޭނާއަށްވެސް އިހުސާސްވޭ ބާވައޭ އެވަގުތު ހިތަށްއަރައެވެ. އޭނާގެ ކައިރީގައި ހޭދަކުރެވުނު ކޮންމެ ހިނދުކޮޅަކީ، މުޅި މާހައުލަށް އާދަޔާޚިލާފު މަޑުމައިތިރިކަމެއް ގެނުވައިދިން ވަގުތުތަކެކެވެ. އޭނާ ވެގެންދިޔައީ އަހަރެންގެ ހަޔާތުގެ އާރޯ އުންމީދަށެވެ. އޭނާ އެއީ އަހަރެންގެ ކިއުޓީ ސްވީޓީ، އެންކަރ އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ބައްދަލުކުރާނީ ލޯތްބާއި އުފާ ކަމެއް، ނުވަތަ ހިތްދަތިކަންކަމެއް، ކުރިން އެނގޭނީ ކާކަށް ހެއްޔެވެ؟ އެކަމަކު، އެ އުފާވެރި ވަގުތުތަކުން، އުންމީދުން ފުރިގެންވާ ފުން އިހުސާސްތަކެއް އަހަރެންގެ ހިތަށް ކުރުވިއެވެ. އަހަރެންގެ ކިއުޓީ ސްވީޓީ އާއި ބައްދަލުވެ، އެކުގައި ހޭދަކުރެވުނު އެ ދުވަސްތަކަކީ، އަހަރެންގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ދުވަސްތަކެކެވެ.
އަދި މިއަދު، އެތައް އަހަރެއްގެ ފަހުން، އަހަރެންގެ ހަޤީޤީ ލޯބީގެ މި އުފާވެރި ހަނދާންތައް އާކޮށް، މި ރީތި ވާހަކަ ކުރިއަށް ގެންދިއުމަށް އަހަރެން އުންމީދުކުރަމެވެ. މިއީ ލޯތްބާއި، ދުރުމިނާއި، އުފާވެރި ކަރުނައިގެ ތެރެއިން ފެށުނު، އަހަރެންގެ ހިތުގައި އެއްވެސް ބަދަލެއްނެތި އަދިވެސް އިޙްސާސްވަމުންދާ، ދޮނޭ އާއި ޝިފްގެ އަސަރުގަދަ ހަޤީޤީ ލޯބީގެ ވާހަކައެވެ. އަދި އަހަރެންގެ އެންމެ ފޭވަރިޓް ލަވް ސްޓޯރީ އެވެ.
މުޙައްމަދު ދޮނޭ
ދޮނޭ މީޑިއާގެ ފައުންޑަރ މުޙައްމަދު ދޮނޭ ވަނީ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދާއިރާގައި 25 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައެވެ. އޭނާ ވަނީ މީގެ ކުރިން ހަވީރު، މިއަދު، ވީމީޑިއާ، ވީނިއުސް، ދިނިއުސް އަދި ހުކުރު އާއި އަޢްޑުވަސް ފަދަ މަޖައްލާތަކުގައި ވެސް މަސައްކަތް ކޮށްފައެވެ.
މުޙައްމަދު ދޮނޭ އަކީ މިހާރު އެވިޑް ކޮލެޖްގައި ބެޗެލާސް ޑިގްރީ އޮފް ޝަރީޢާ އެންޑް ލޯ ފުރިހަމަކުރަމުންދާ ދަރިވަރެކެވެ. އޭނާ ވަނީ ޝްރީލަންކާގެ ބަންޑާރަނަޔަކަ ފޮރ އިންޓަރނޭޝަނަލް ސްޓަޑީޒް އިން ހަޔަރ ޑިޕްލޮމާ އިން އިންޓަރނޭޝަނަލް ރިލޭޝަންސް ފުރިހަމަކޮށްފައެވެ. މި ދާއިރާއިން ޕަބްލިކް އިންޓަރނޭޝަނަލް ލޯ، އިންޓަރނޭޝަނަލް ރިލޭޝަންސް، ކޮމްޕެރޭޓިވް ޕޮލިޓިކަލް ސިސްޓަމްސް، އިންޓަރނޭޝަނަލް ޕޮލިޓިކްސް، ޝްރީލަންކާ އިން ވާރލްޑް އެފެއަރސް އަދި ސައުތު އޭޝިއަން ސްޓަޑީޒްގެ ޢިލްމު ވަނީ ހާސިލްކޮށްފައެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އެޑްވާންސް ސެޓްފިކެޓް އިން ލެންގުއޭޖް ޔޫސް ފުރިހަމަކޮށް، ދިވެހި ބަހާއި، އިނގިރޭސި ބަސް، ދިވެހި ތާރީޚާއި ޖޯގްރަފީ އަދި ސިޓިޒަންޝިޕް އެޑިއުކޭޝަން ވަނީ ކިޔަވާފައެވެ.