ޤާނޫނަކީ އަމާން ދިރިއުޅުމެއްގެ ބިންގާ

އާންމުކޮށް އަޅުގަނޑުމެންގެ ތެރޭގައި ޤާނޫނުގެ މަތިން ހަނދާންވަނީ ނުވަތަ ޤާނޫނަކީ މުހިންމު އެއްޗަކަށް ވަނީ، ކަމަކާ ކުރިމަތިވެ ނުވަތަ ދަތި ހާލަތެއް މެދުވެރިވާ ހިނދުގައެވެ. ގިނަ މީހުންނަށް ޤާނޫނު ސިފަވަނީ ހަމައެކަނި ފުލުސް އޮފީހާއި، ކޯޓުތަކާއި، އަދި ކުށްވެރިވުމުން ނުވަތަ މީހަކާ މައްސަލައެއް ޖެހުމުން ކުރިމަތިލާންޖެހޭ ދަތި އުނދަގޫ މަރުހަލާއެއްގެ ގޮތުގައެވެ. ނަމަވެސް، ޤާނޫނުގެ ދާއިރާ މިއަށްވުރެ މާ ފުޅާކަން އަޅުގަނޑުމެން ވިސްނަން ޖެހެއެވެ. ޤާނޫނަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ހާލަތެއްގައި ހިމޭނޭ ރައްކާތެރިކަމުގެ އައްޑަނައެވެ.

ދިރިއުޅުމުގެ ކޮންމެ ދާއިރާއެއްގައި ޤާނޫނު

ޤާނޫނަކީ ހަމައެކަނި އަދަބު ދޭން ނުވަތަ މީހުން ހައްޔަރުކުރަން އޮތް އެއްޗެއް ނޫނެވެ. އެއީ ތިމާގެ އާންމު ދިރިއުޅުމުގެ ބިންގަލެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގައި ކޮންމެ މީހަކީވެސް ތަފާތު ހައިސިއްޔަތުތަކެއް އުފުލާ މީހެކެވެ.

މުވައްޒަފެއްގެ ހައިސިއްޔަތުން: ވަޒީފާގެ މާހައުލުގައި ތިމާއަށް ލިބެންޖެހޭ ހައްޤުތަކާއި، ކަނޑައެޅިފައިވާ މުސާރައާއި، ޗުއްޓީ އަދި އިނާޔަތްތައް ކަށަވަރުކޮށްދެނީ ވަޒީފާއާބެހޭ ޤާނޫނުންނެވެ. އެ ޤާނޫނަށް އަހުލުވެރިނުވާނަމަ، ވަޒީފާދޭ ފަރާތުން ތިމާގެ ހައްޤަކަށް އުނިކަމެއް ގެނަޔަސް، އެކަން ދެނެގަތުމަކީ .ދަތިކަމަކަށް ވާނެއެވެ

ކުއްޔަށް ހިފާ ފަރާތެއްގެ ހައިސިއްޔަތުން: ދިރިއުޅޭނެ އަމާން ބޯހިޔާވަހިކަމެއް ލިބުމާއި، ނާޖާއިޒު ގޮތުގައި ގެއިން ނެރެނުލެވޭނެކަމުގެ ޔަޤީންކަން ދެނީ ޤާނޫނީ އެއްބަސްވުންތަކާއި ބިމާބެހޭ ޤާނޫނުތަކުންނެވެ.

ބެލެނިވެރިއެއްގެ ހައިސިއްޔަތުން: ދަރިންގެ ހައްޤުތަކާއި، އެކުދިންނަށް ލިބެންޖެހޭ ރައްކާތެރިކަމާއި ތަޢުލީމުގެ މަގު ދައްކައިދެނީ އާޢިލީ ޤާނޫނުތަކާއި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުންނެވެ.

ރައްޔިތެއްގެ ހައިސިއްޔަތުން: ދައުލަތުގެ ފަރާތުން ލިބެންޖެހޭ އަސާސީ ޚިދުމަތްތަކާއި، މިނިވަންކަމާއެކު ޚިޔާލުފާޅުކުރުމުގެ ބާރު ދެނީ ޤާނޫނުއަސާސީންނެވެ.

އަޅުގަނޑުމެންގެ ޤާނޫނީ ހައްޤުތަކާމެދު އަޅުގަނޑުމެން ނުވިސްނާހާ ހިނދަކު، އެހެން ފަރާތްތަކުން އަޅުގަނޑުމެންގެ މައްޗަށް ނާޖާއިޒު ބާރު ފޯރުވުމުގެ ފުރުސަތު އޮންނާނެއެވެ. ޤާނޫނު އެނގުމަކީ ތިމާ ބާރުވެރި ކުރުވާ ކަމެކެވެ. އޭރުން މީހަކު ތިމާއަށް އޮޅުވާލަން ނުވަތަ ހައްޤަަކުން މަހްރޫމްކުރަން އުޅޭ ހިނދު، އެކަމާ ދެކޮޅަށް ތެދުވާނެ ހިތްވަރާއި ދަލީލު ތިމާގެ އަތުގައި ހުންނާނެއެވެ.

މުޖުތަމަޢުގެ އަމާންކަން ދެމިއޮންނަނީވެސް، ކޮންމެ މީހަކުވެސް ތިމާގެ ހައްޤުތަކާއި ވާޖިބުތައް ރަނގަޅަށް ދެނެގަނެގެންނެވެ. ޤާނޫނަށް އަހުލުވެރިވުމަކީ ހަމައެކަނި ވަކީލުންނާއި ފަނޑިޔާރުންގެ ކަމެއް ނޫނެވެ. އެއީ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ.

ނިންމުން

ނިންމާލަމުން ދަންނަވާނީ، ޤާނޫނު ދަސްކުރަންވީ ހަމައެކަނި އުނދަގޫކަމެއް ކުރިމަތިވުމަކުން ނޫނެވެ. އަމާން، އިންސާފުވެރި އަދި ބާރުވެރި ދިރިއުޅުމެއް ބިނާކުރުމަށްޓަކާ ޤާނޫނަށް އަހުލުވެރިވުން މުހިންމެވެ. އަޅުގަނޑުމެންގެ ވެބްސައިޓުގެ ޝަރީއާ އެންޑް ލޯ ބައިގެ މަޤްސަދަކީވެސް، އާންމު ދިރިއުޅުމުގައި ބޭނުންވާ މިފަދަ ޤާނޫނީ މަޢުލޫމާތުތައް އޮޅުންފިލުވައިދީ، ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް އެހީތެރިވުމެވެ.

އަޅުގަނޑުގެ ފަރާތުން ކުޑަ ނަސޭހަތެއް

އަޅުގަނޑުމެން ކޮންމެ މީހަކީވެސް މުޖުތަމަޢުގެ ތެރޭގައި ކޮންމެވެސް ދާއިރާއަކުން ޒިންމާތަކެއް އުފުލަންޖެހޭ މީހެކެވެ. އެއީ ވަޒީފާގެ މާހައުލުގައި ކަމަށްވިޔަސް، ނުވަތަ އާޢިލީ ދިރިއުޅުމުގައި ކަމަށްވިޔަސްމެއެވެ. ޤާނޫނަކީ ތިމާގެ ބޮލުގައި އެޅިފައިވާ ބުރައެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އެއީ ތިމާއަށް ލިބިފައިވާ ރއްކާތެރިކަމެއް ކަމުގައި ދެކޭށެވެ. އަމިއްލަ ޙައްޤުތައް އެނގުމަކީ އަނިޔާވެރިކަމާއި ނާޖާއިޒު ނުފޫޒުން ސަލާމަތްވުމަށް އޮތް އެންމެ ކުރު މަގެވެ. އެހެންކަމުން، ކުޑަ ވަގުތުކޮޅެއް ހުސްކޮށްލައިގެން ނަމަވެސް، ތިމާގެ ދާއިރާއާ ގުޅުންހުރި ޤާނޫނީ އުސޫލުތަކަށް އަހުލުވެރިވުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.

މުޙައްމަދު ދޮނޭ

ދޮނޭ މީޑިއާގެ ފައުންޑަރ މުޙައްމަދު ދޮނޭ ވަނީ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދާއިރާގައި 25 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައެވެ. އޭނާ ވަނީ މީގެ ކުރިން ހަވީރު، މިއަދު، ވީމީޑިއާ، ވީނިއުސް، ދިނިއުސް އަދި ހުކުރު އާއި އަޢްޑުވަސް ފަދަ މަޖައްލާތަކުގައި ވެސް މަސައްކަތް ކޮށްފައެވެ.

މުޙައްމަދު ދޮނޭ އަކީ މިހާރު އެވިޑް ކޮލެޖްގައި ބެޗެލާސް ޑިގްރީ އޮފް ޝަރީޢާ އެންޑް ލޯ ފުރިހަމަކުރަމުންދާ ދަރިވަރެކެވެ. އޭނާ ވަނީ ޝްރީލަންކާގެ ބަންޑާރަނަޔަކަ ފޮރ އިންޓަރނޭޝަނަލް ސްޓަޑީޒް އިން ހަޔަރ ޑިޕްލޮމާ އިން އިންޓަރނޭޝަނަލް ރިލޭޝަންސް ފުރިހަމަކޮށްފައެވެ. މި ދާއިރާއިން ޕަބްލިކް އިންޓަރނޭޝަނަލް ލޯ، އިންޓަރނޭޝަނަލް ރިލޭޝަންސް، ކޮމްޕެރޭޓިވް ޕޮލިޓިކަލް ސިސްޓަމްސް، އިންޓަރނޭޝަނަލް ޕޮލިޓިކްސް، ޝްރީލަންކާ އިން ވާރލްޑް އެފެއަރސް އަދި ސައުތު އޭޝިއަން ސްޓަޑީޒްގެ ޢިލްމު ވަނީ ހާސިލްކޮށްފައެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އެޑްވާންސް ސެޓްފިކެޓް އިން ލެންގުއޭޖް ޔޫސް ފުރިހަމަކޮށް، ދިވެހި ބަހާއި، އިނގިރޭސި ބަސް، ދިވެހި ތާރީޚާއި ޖޯގްރަފީ އަދި ސިޓިޒަންޝިޕް އެޑިއުކޭޝަން ވަނީ ކިޔަވާފައެވެ.