ކައިވެންޏަކީ ﷲ ކަނޑައަޅުއްވާފައިވާ މުޤައްދަސް ގުޅުމެކެވެ. ކީރިތި ޤުރްއާނުގެ ސޫރަތުއްރޫމްގެ 12 ވަނަ އާޔަތުގެ މާނައިގައި ވަނީ: { ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ. } އެހެނެއްކަމަކު، އިންސާނީ ދިރިއުޅުމުގެ ތެރެއަށް ވަންނަ އެކި ކަންކަންތައްތަކުގެ ސަބަބުން މި ބަދަހި ގުޅުމަށް ބޮޑެތި ލޮޅުންތައް އަރާ، އެކަކު އަނެކަކަށް އޮންނަ އިތުބާރު ކުޑަވެގެންދެއެވެ. އިތުބާރުގެ ބިންގާ ބަލިކަށިވުމަކީ ހިތްދަތި ކަމެއް ނަމަވެސް، އިސްލާމްދީން ބާރުއަޅަނީ މާފުކުރުމާއި، ގުޅުން އިސްލާހުކޮށް ދެމެހެއްޓުމަށެވެ.
މިފަދަ ދަތި މަރުޙަލާއެއްގައި، ކައިވެނީގެ ބަދަހިކަން ދެމެހެއްޓުމަށްޓަކައި އަންނަނިވި ކަންކަމަށް ސަމާލުކަން ދިނުން މުހިންމެވެ.
އިޙްސާސްތައް ޤަބޫލުކޮށް ކެތްތެރިވުން
ހިތާމައާއި ރުޅިވެރިކަން އިހުސާސްވުމަކީ އިންސާނީ ތަބީއަތެވެ. ކޮންމެ ދަތިކަމެއްގައިވެސް ކެތްތެރިވުމަށް އިސްލާމްދީން ބާރުއަޅައެވެ. ސޫރަތުލް ބަޤަރާގެ 351 ވަނަ އާޔަތުގެ މާނައިގައި ވަނީ: { އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ. } އެހެންކަމުން، މިފަދަ ހިތްދަތި ވަގުތުތަކުގައި ކެތްތެރިކަމާއެކު ދުޢާކުރުމާއި އަޅުކަމުގެ ތެރެއިން ހިތްހަމަޖެހުން ހޯދުމަކީ، ނަފްސާނީ އަދި ރޫހާނީ ދުޅަހެޔޮކަމަށް އޮތް އެންމެ ބޮޑު ފަރުވާއެވެ.
ތެދުވެރި މުވާޞަލާތާއި ތައުބާވުން
ކަންކަން އިސްލާހުކުރުމަށް އެންމެ ފުރަތަމަ ބޭނުންވަނީ އިޚްލާޞްތެރިކަމާއެކު ތައުބާވެ، ދެން އެފަދަ ކަމެއް ނުކުރުމަށް އަޒުމް ކަނޑައެޅުމެވެ. ބައިވެރިޔާއާއެކު ހާމަކަން ބޮޑު ގޮތެއްގައި ވާހަކަދެއްކުމަކީ އިތުބާރު އާލާކުރުމުގެ ބިންގަލެވެ.
މާފުކުރުމާއި ކެތްތެރިކަން
މާފުކުރުމަކީ އީމާންކަން ވަރުގަދަ، ތަޤުވާވެރި މީހުންގެ ސިފައެކެވެ. އިތުބާރު ކުޑަވެފައިވާ ދަނޑިވަޅެއްގައި މާފުކޮށް، ހިތްތަކުގައި އޮންނަ ރުޅިވެރިކަން ދޫކޮށްލުމަށް ﷲ އަންގަވާފައިވެއެވެ. އާލްޢިމްރާން ސޫރަތުގެ 431 ވަނަ އާޔަތުގެ މާނައިގައި ވަނީ: { އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި ޙާލުގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. އިޙްސާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ. } ބައިވެރިޔާގެ ކިބައިން އިޚްލާޞްތެރިކަން ފެންނަނަމަ، މާފުކޮށް ގުޅުން ދެމެހެއްޓުމަކީ ޢާއިލީ ބަދަހިކަމަށްޓަކައި ކުރެވޭ މަތިވެރި މަސައްކަތެކެވެ.
ވަރިއަށްފަހު އުންމީދާއެކު ކުރިއަށް: އަންހެނުންނަށް އޮތް ގޮންޖެހުންތައް
ކަންކަން ހައްލުކުރަން، ކިތަންމެ މަސައްކަތެއް ކުރިކަމުގައިވިޔަސް، ބައެއް ފަހަރު ވަރިއާ ހަމައަށް ދާންޖެހެއެވެ. އެހެނެއްކަމަކު، އިސްލާމްދީން ވަނީ އަންހެނުންނަށް ރައްކާތެރިކަމާއި އިހުތިރާމް ކަށަވަރުކޮށްދީފައެވެ. ވަރިއަކީ ދިރިއުޅުމުގެ ނިމުމެއް ނޫނެވެ. އެއީ ﷲ ގެ މިންވަރުފުޅަށް ރުހި، އާ ފެށުމަކުން ފަށަންވީ ވަގުތެވެ.
އަޅުގަނޑުގެ އުންމީދަކީ، ކޮންމެ ދަތިކަމަކަށްފަހުވެސް ލުއިކަމެއްވާނެކަން ޤަބޫލުކޮށް، އާ ލަނޑުދަނޑިތަކަކާއެކު އުފާވެރި ދިރިއުޅުމެއް އަލުން އާރާސްތުކުރުމަށް ކޮންމެ ކަނބަލަކަށްވެސް ހިތްވަރު ލިބުމެވެ. އިސްލާމީ ރިވާޖުތަކާއި ހިކުމަތްތެރިކަމާއެކު މަސައްކަތްކޮށްފިނަމަ، އަޅުގަނޑުމެންގެ ޢާއިލާތަކަކީ ބަދަހި އަދި ދުޅަހެޔޮ ޢާއިލާތަކަކަށް ހެދިދާނެއެވެ.
ސިމްސިމާ (ސިމް)
ސިމްސިމާ (ސިމް) އަކީ ދިވެހި ޢާއިލާތަކުގެ ބަދަހިކަމާއި، އަންހެނުންގެ ދުޅަހެޔޮކަމަށް ޚާއްސަ ސަމާލުކަމެއްދޭ، ޤައުމުދެކެ ވަރަށް ލޯބިވާ ކަނބަލެކެވެ. ޢިޖްތިމާއީ ދާއިރާއިން ލިޔުމަށް ސިމް ގަލަން ނެގީ، ކައިވެނީގެ ގުޅުން ބަދަހިކޮށް ދެމެހެއްޓުމަށް މަސައްކަތް ކުރުމަށާއި، ވަރީގެ ސަބަބުން ޢާއިލާތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ބިނާކުރުވަނިވި ހައްލުތަކެއް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ މަޤްސަދުގައެވެ. ފަރުދީ ފެންވަރުގައި މުޖުތަމަޢުގެ ކަންކަން ރަނގަޅުކުރުމަށް މިހާރުވެސް ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ގިނަބަޔަކަށް ސިމްގެ ޚިޔާލާތުތަކާއި، ހޯދުންތައް ފޯރުކޮށްދިނުމަކީ ސިމްގެ އެންމެ ބޮޑު އަމާޒެވެ. ސިމް އުންމީދު ކުރަނީ އޭނާގެ ލިޔުންތަކުން ހޭލުންތެރިވެ، އުފާވެރި ޢާއިލީ މުޖުތަމަޢެއް ބިނާކުރުމަށް ދިވެހިންނަށް ހިތްވަރު ލިބިގެންދިއުމަށެވެ.