ޤާނޫނީ ހޭލުންތެރިކަމާއި ބާއްޖަވެރި މުޖުތަމަޢު

ޤާނޫނާއި، އިންސާފާއި، އަދި މުޖުތަމަޢުގެ ފަރުދުންގެ ޙައްޤުތަކަކީ، ކޮންމެ ދިވެހި ރައްޔިތަކުވެސް ނުހަނު ޝައުޤުވެރިވާންޖެހޭ އަދި އެއަށް އިސްކަންދޭންޖެހޭ އަސާސީ ކަންކަމެވެ. މުޖުތަމަޢެއްގެ އަމާންކަމާއި ކުރިއެރުން ބިނާވެފައި އޮންނަނީ އެ މުޖުތަމަޢެއްގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި ޤާނޫނުތަކަށް ޢަމަލުކުރާ، އެކަކު އަނެކަކުގެ ޙައްޤުތަކަށް އިޙްތިރާމްކުރާ މިންވަރެއްގެ މައްޗަށެވެ. ނަމަވެސް، މިއަދުގެ ދިވެހި މުޖުތަމަޢުގެ ހާލަތަށް ބަލާލާއިރު، ޝަރުޢީ ނިޒާމާއި ޤާނޫނުތައް ތަންފީޒުކުރެވޭ އުޞޫލުތަކާ މެދު ރައްޔިތުންގެ މެދުގައި ބޮޑެތި ސުވާލުތަކާއި ނުތަނަވަސްކަން އުފެދިފައިވާކަން ފާހަގަކުރެވެއެވެ.

މި ނުތަނަވަސްކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ، އަސާސީ ޙައްޤުތައް ރައްކާތެރިކުރުމާ، ބޭއިންސާފެއް ކުރިމަތިވާ ހިނދު އިންސާފު ހޯދުމަށް މަސައްކަތްކުރާނެ އިޖުރާއަތްތައް ގިނަ ރައްޔިތުންނަށް ނޭނގުމެވެ. ޤާނޫނުތަކާއި ގަވާއިދުތައް ފޮތްތަކުގައި ލިޔެވިފައި އޮތް ނަމަވެސް، އެ ޤާނޫނުތަކުގެ ބޭނުން ހިފައިގެން އަމިއްލަ ނަފްސާއި ޙައްޤުތައް ދިފާޢުކުރާނެ ގޮތުގެ މަޢުލޫމާތު ނެތުމަކީ، ގިނަ ބަޔަކަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، ބޭއިންސާފާ ކުރިމަތިލާންޖެހޭ ހިނދު ގިނަ ފަހަރަށް އިޚްތިޔާރު ކުރެވެނީ ހަނުހުރުމެވެ. މިއީ މުޖުތަމަޢުގެ ކުރިއެރުމަށް އޮތް ވަރަށް ބޮޑު ހުރަހެކެވެ.

އެހެންކަމުން، މި ކަންކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށްޓަކާ، ރައްޔިތުން ޤާނޫނީ ގޮތުން ހޭލުންތެރިކުރުވުމަކީ، އިންސާފު ޤާއިމުކުރުމަށްޓަކާ، ކުރަންޖެހޭ ވަރަށް މުހިންމު މަސައްކަތެކެވެ. އަޅުގަނޑުގެ މައިގަނޑު ޢަޒުމަކީ ވެސް މިއީއެވެ. ޤާނޫނީ ހޭލުންތެރިކަން ފުޅާކޮށް، ކޮންމެ ފަރުދަކަށްމެ އެމީހެއްގެ ޤާނޫނީ ޙައްޤުތަކަކީ ކޮބައިކަން ސާފުކޮށް ބަޔާންކޮށްދީ، އެ ޙައްޤުތައް ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ. މި މަސައްކަތުގެ ސަބަބުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ، ކޮންމެ ފަރުދަކަށްމެ ބިރުވެރިކަމެއް ނެތި ޙައްޤު ބަސް ބުނުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ. ވަކިން ޚާއްޞަކޮށް، މުޖުތަމަޢުގައި ތިބި ނާޒުކު ފަރާތްތަކާއި، އިހުމާލުކުރެވިފައިވާ ފަރާތްތަކުގެ އިތުރުން ބަސްނުވިކޭ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަކީ މި ދަތުރުގެ އެންމެ މުހިންމު އެއް މަޤްޞަދެވެ.

އިންސާފަކީ ވަކި ބައެއްގެ މެދުގައި ބެހިގެންވާ އިމްތިޔާޒަކަށް ވެގެން ނުވާނެއެވެ. އެއީ މުއްސަނދިންނަށް ނުވަތަ ބާރުގަދަ މީހުންނަށް އެކަނި ލިބޭ އެއްޗަކަށް ވެގެން ނުވާނެއެވެ. އިންސާފަކީ އެއްވެސް ތަފާތުކުރުމެއް ނެތި، ހަމަހަމަކަމާއެކު ކޮންމެ ފަރުދަކަށްމެ ލިބިދޭންޖެހޭ އަސާސީ ޙައްޤެކެވެ. މި އުންމީދީ މަޤްޞަދު ޙާޞިލުކުރެވޭނީ، ދައުލަތުގެ މުއައްސަސާތަކުން ފެށިގެން އާންމު ރައްޔިތުންނާ ހަމައަށް، މުޖުތަމަޢުގެ ހުރިހާ ފަންތިއެއްގައި ޤާނޫނީ ހޭލުންތެރިކަން އިތުރުކުރެވިގެންނެވެ. ޤާނޫނުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއްކަން އިޙްސާސް ކުރެވޭނީ، ޤާނޫނު އެނގިގެންނެވެ.

މިއީ އަޅުގަނޑުމެން ކުރަން އޮތް ބުރަ، ނަމަވެސް ކޮންމެހެން ކުރަންޖެހޭ، މުހިންމު މަސައްކަތްތަކެއްގެ ފެށުމެކެވެ. މުޖުތަމަޢެއް ބަދަލުކުރުމަކީ އެކަކު އެކަނި ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން، އެންމެން ގުޅިގެން، މިހާރަށްވުރެ މަޢުލޫމާތު މުއްސަނދި، އިންސާފުވެރި އަދި އަމާން ދިވެހި މުޖުތަމަޢެއް ބިނާކުރުމަށްޓަކާ، ކުރިއަށް ފިޔަވަޅު އަޅަމާ ހިންގަވާށެވެ. އޭރުން، އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކަށް އިންސާފާއި ހަމަހަމަކަން ގާއިމުވެފައިވާ، ބާއްޖަވެރި ޤައުމެއް ހަދިޔާކުރެވޭނެއެވެ.

މުޙައްމަދު ދޮނޭ

ދޮނޭ މީޑިއާގެ ފައުންޑަރ މުޙައްމަދު ދޮނޭ ވަނީ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދާއިރާގައި 25 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައެވެ. އޭނާ ވަނީ މީގެ ކުރިން ހަވީރު، މިއަދު، ވީމީޑިއާ، ވީނިއުސް، ދިނިއުސް އަދި ހުކުރު އާއި އަޢްޑުވަސް ފަދަ މަޖައްލާތަކުގައި ވެސް މަސައްކަތް ކޮށްފައެވެ.

މުޙައްމަދު ދޮނޭ އަކީ މިހާރު އެވިޑް ކޮލެޖްގައި ބެޗެލާސް ޑިގްރީ އޮފް ޝަރީޢާ އެންޑް ލޯ ފުރިހަމަކުރަމުންދާ ދަރިވަރެކެވެ. އޭނާ ވަނީ ޝްރީލަންކާގެ ބަންޑާރަނަޔަކަ ފޮރ އިންޓަރނޭޝަނަލް ސްޓަޑީޒް އިން ހަޔަރ ޑިޕްލޮމާ އިން އިންޓަރނޭޝަނަލް ރިލޭޝަންސް ފުރިހަމަކޮށްފައެވެ. މި ދާއިރާއިން ޕަބްލިކް އިންޓަރނޭޝަނަލް ލޯ، އިންޓަރނޭޝަނަލް ރިލޭޝަންސް، ކޮމްޕެރޭޓިވް ޕޮލިޓިކަލް ސިސްޓަމްސް، އިންޓަރނޭޝަނަލް ޕޮލިޓިކްސް، ޝްރީލަންކާ އިން ވާރލްޑް އެފެއަރސް އަދި ސައުތު އޭޝިއަން ސްޓަޑީޒްގެ ޢިލްމު ވަނީ ހާސިލްކޮށްފައެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އެޑްވާންސް ސެޓްފިކެޓް އިން ލެންގުއޭޖް ޔޫސް ފުރިހަމަކޮށް، ދިވެހި ބަހާއި، އިނގިރޭސި ބަސް، ދިވެހި ތާރީޚާއި ޖޯގްރަފީ އަދި ސިޓިޒަންޝިޕް އެޑިއުކޭޝަން ވަނީ ކިޔަވާފައެވެ.